ބިމާގުޅޭ ނިންމުން ބަދަލުކޮށް ދިނުމަށްއެދި ހަނިމާދޫގެ ތިން ޖަމިއްޔާގެ ސިޓީއެއް ރައީސަށް

advertisement

ހދ. ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާތީ، ހަނިމާދޫގައި ހަރަކާތްތެރިވާ ތިން މަދަނީ ޖަމިއްޔާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ތަރައްގީ ކުރުމަށް ކުރިމަތިލުމަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ވަނީ މިއަހަރު މާރިޗްމަހު ކުރީ ކޮޅު ވަނީ ބިޑަށް ހުޅުވާލާފައެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތް މާރާތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ އެއާޕޯޓް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ހުޅުވާލި ބިޑްގެ އެއްކަރުދާސް ކޮށްފައިވާ ކޮންސެޕްޓް ކުރެހުމުގައި ހަނިމާދޫ ކައުންސިލްގެ އިހްތިސޯސް ހިނގާ ސަރަހައްދުން 853،937 ބިން އެއާޕޯޓް ސަރަހައްދަށް އިތުރުވެގެން ދާނެކަމަށް ފެންނަން އޮވެއެވެ.

މިގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރުކުރުމަށް ނިންމާފައިވާތީ އެ ބިން ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމަނަން ޕްލޭނިން މިނިސްޓްރީން ވަނީ ހަނިމާދޫ ކައުންސިލްގައި އެދިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހުށަހެޅުމާމެދު ލަސްތަކެއްނުވެ ކައުންސިލުން ގޮތެއް ނިންމާނެއެވެ.

ހަނިމާދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައި ޕްލޭންގެ ކުރެހުމެއް ފެންނަ ފޮޓޯއެއް

މިކަމާއި ގުޅިގެން ހަނިމާދޫ ރައްޔިތުންގެ މެދުގައި ވަނީ ހޫނު ބަހުސެއް ފެށިފައެވެ. އެކަމާމެދު ހުރި ކަންބޮޑުވުންތައް ހަނިމާދޫގެ ތިން ޖަމިއްޔާ ކަމަށްވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަދި ހަނިމާދޫ ކެތިއަރާއިން ވަނީ ކައުންސިލާ ހިއްސާކޮށްފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެއަށްފަހު އެ ތިން ޖަމިއްޔާއިން މިއަދު ވަނީ އެ ޖަމިއްޔާތަކުގެ ކަންބޮޑުވުން ހިމަނައި ރައީސް ޞާލިޙަށް ސިޓީއެއް ފޮނުވާފައެވެ. ތިން ޖަމިއްޔާގެ ރައީސް ސޮއިކޮށްފައިވާ އެ ސިޓީވަނީ ޕްލޭނިން މިނިސްޓްރީއަށާއި، ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރަށް ވެސް ކޮޕީކޮށްފައެވެ.

އެ ސިޓީގައި ވަނީ ހަނިމާދޫގައި ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށް، އެއީ ހަނިމާދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަބަދުވެސް ކުރަމުންއަންނަ ފޮނި އުންމީދެއް ކަމަށް ބުނެފައެވެ. އަދި އެ އެއާޕޯޓް ތަރައްގީވެގެން ދިޔުމަކީ ހަނިމާދޫއަށާއި، ތިލަދުންމައްޗަށާއި، މުޅި އުތުރު ހިމެނޭހެން މުޅިރާއްޖެއަށް ވެސް އެކަމުގެ ލާބައާއި މަންފާ ކުރުވާނެ މަޝްރޫޢުއެއް ކަމަށްވުމާއެކު، އެ މަޝްރޫޢު ހިންގުމަށް ހަނިމާދޫ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުންމަތީ ތިބިކަމަށް އެ ސިޓީގައި ބުނެފަވެއެވެ.

އެ ސިޓީގައި ވަނީ 28 އޮކްޓޯބަރު 1990ގައި ހަނިމާދޫ އެއާޕޯޓް ހުޅުއްވީއްސުރެ ހަނިމާދޫގެ މީހުން އުޅޭ ސަރަހައްދަށް ހާއްސަ ކުރެވިފައިވާ ބިމާއި، އެއާ ޕޯޓްގެ ސަރަހައްދަށް ހާއްސަކުރެވިފައިވާ ބިމަކީ އިން ވަކިކުރެވި މިއަދާއި ހަމައަށް ވެސް ވަކި ދެ ބިމެއްގެ ގޮތުގައި އޮންނަ ދެ ބިން ކަމަށް ފާހަގަކޮށްފައެވެ.

“މަނިކުފާނުގެ ރިޔާސީ ވައުދާއިއެއްގޮތަށް ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާނެ ކުރެހުންތަކާއި، އެތަނުގައި އެޅުމަށް ހަމަޖެހިފައިވާ އިމާރާތްތަކާއި އެއާޕޯޓްގެ މުހިންމު ބައިތަކާއެކު އެއާޕޯޓް ތަރައްގީކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ޕްލޭންތަކާއިއެއްގޮތަށް އެ މިޝްރޫޢު ހިންގުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާއިރު، މި އުފާވެރި ޚަބަރާއެކު ހަނިމާދޫ ރައްޔިތުންނަށް ދެން ލިބިގެންދިޔަ ޚަބަރަކީ ރައްޔިތުން ކުރަމުންއައި އުންމީދު ތަކާއި، ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށްވެ ލިބިދާނެ ފައިދާއަކަށްވުރެ ނުހަނު ގެއްލުންބޮޑު އެހާމެ ހިތާމަވެރި ރައްޔިތުން މާޔޫސް ކުރުވަނިވި ޚަބަރުތަކެކެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް މިހާރު އެއާޕޯޓު ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް ހަނިމާދޫ ރައްޔިތުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް ހަނިމާދޫ އެއާޕޯޓް ސަރަހައްދަށް އިތުރުކޮށް ދެއްވުމަށްފަހު ޕްލޭނިން މިނިސްޓްރީއަށް އަންގަވައި ދެއްވުމަށް ހަނިމާދޫ ކައުންސިލަށް އެ މިނިސްޓްރީއިން ސިޓީއެއް ފޮނުއްވާފައިވާ ކަމުގެ ހިތާމަވެރި ޚަބަރެވެ.”

އެ ސިޓީގައި ބުނެފަވެއެވެ.

އެ ސިޓީގައި ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓަށް މިހާރު ކަނޑައެޅިފައިވާ ބިމަކީ ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން އެންމެ އަކަ އިންޗިއެއް ނުދިން ނަމަަވެސް މިހާރު ސަރުކާރުން ކޮށްފައިވާ ޕްލޭނާއެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރެވިދާނެ ބިމެއް ކަމަށެވެ. އަދި މީގެއިތުރުން ހަނިމާދޫ ފަޅަކީ ބޮޑު ފަޅެއްކަމަށް ވުމާއެކު ބޭނުންވެއްޖެ ހިނދެއްގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް އެ ބޮޑު ފަޅުގެ ބޭނުން ހިފޭނެ މަގު ފަހިވެފައި އޮތުމާއެކު، ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުގެ ބިމުން ބައެއް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރުކުރުމަކީ ހަނިމާދޫ ކުދިބޮޑު އެންމެން ހިތާމަ ކުރާ ކަމެއް ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

ހަނިމާދޫ ބިޔަ ފަޅުން ބައެއް ފެންނަ ފޮޓޯއެއް، ފޮޓޯއިން ފެންނަ ސަފާރީއާއި ހަމައަށް އެފެންނަނީ މިހާރު އެއާޕޯޓަށް އިތުރުކުރަން ނިންމާފައިވާ ސަރަހައްދުގެ ގޮނޑުދޮށާއި ފަޅުން ބައެއް، ސަފާރީން ފެށިގެން ލޮލުގެ ކޮޅަށް އޮބާފައި އެވަނީ މިހާރުވެސް އެއާޕޯޓަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ގޮނޑުދޮށާއި، ފަޅު

އެ ސިޓީގައި ވަނީ މިހާރު އެއާޕޯޓަށް އިތުރުކުރުމަށް ސަރުކާރުން ނިންމާފައި ބިން ހިމެނޭ ސަރަހައްދުގެ ގޮނޑުދޮށަކީ ހަނިމާދޫގެ އާއިލާތައް މޫދަށް އެރިލާ އުފާވެރި ވަގުތު ހޭދަކޮށްލަން އެރަށުގައި މިހާރު ހަމައެކަނި އޮތް ސަރަހައްދުކަން ވެސް ފާހަގަކޮށް، އެ ބިން ގެއްލިއްޖެނަމަ އެ ޢާއިލާތަކަށް ޢާއިލީ އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެ ސަރަހައްދުގެ ގޮނޑުދޮށާއި، ހޭޅިފަށުން ލިބުނު ފުރުޞަތު ބަންދުވާނެ ކަމާއި، ހަނިމާދޫގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 300 އެއްހާ ޢާއިލާއަށް ވެސް ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އިތުރަށް މާޔޫސް ވެފައިވާ ކަމަށް އެސިޓީގައި ބުނެފަވެއެވެ. އަދި އެ ބިމަކީ ރަނގަޅަށް ޕްލޭން ކޮށްގެން ހަނިމާދޫ ރައްޔިތުންނަށާއި، ރަށުގެ މާލިއްޔަތަށް ގިނަ ފައިދާތަކެއް ވެސް ހޯދޭނޭ ބިމެއްކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައި ބުނެފަވެއެވެ.

މިހާރު ވެސް ހަނިމާދޫ އެއާޕޯޓަށް ހާއްސަކޮށް ކަނޑައެޅިފައިވާ ބިމުގައި އެ އެއާޕޯޓް ތަރައްގީކުރުމަކީ އެންމެ ފައިދާ ބޮޑު އެންމެ އެދެވޭގޮތް ކަމަށް ދެކޭ ކަމަށާއި، އެހެންކަމުން ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 853،937 އަކަފޫޓްގެ ބިމެއް އެއާޕޯޓް ބިމަށް އިތުރުކުރަން މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލްކޮށް ދެއްވުމަށް އެ ސިޓީގައި އެދިފަވެއެވެ.

އެބިން ހަނިމާދޫ އެއާޕޯޓު ސަރަހައްދަށް އިތުރުކުރުމާމެދު ހަނިމާދޫގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، އެވަރު ބިމެއް ދޫކޮށްލާއިރު ހަނިމާދޫ ރައްޔިތުންނަށް ގޯތިވެސް ނުލިބި 10 ވަރަކަށް އަހަރު ވޭތުވެއްޖެކަމަށް ވެސް އެރަށުމީހުން ދަނީ ބުނަމުންނެވެ. އެ ބިމުން އެކަނި ވެސް 2،500 އަކަފޫޓްގެ 341 ގޯތި ދޫކުރެވޭނެއެވެ. އަދި ގޯތި ދިނުމުގައި ރައްޔިތުންނަށް ބިން ސާފުކޮށް، އަލިކުރުމަށާއި، ބަދަލުދޭން ޖެހޭ ރުއްގަސް މަދުވުމުން އެ ބިމަކީ މިހާރު އެރަށުގައި އޮތް އެންމެ ރަނގަޅު ސަރަހައްދު ކަމަށް ވެސް އެމީހުން ބުނެއެވެ.

ހަނިމާދޫ އެއާޕޯޓަށް އިތުރުކުރުމަށް މިހާރު ޕްލޭން ކޮށްފައިވާ ބިމުންބައެއް އިންޑިއާއަށް ދިނުމަކީ އެވަރުގެ ބޮޑު ބިމެއް ނެގުމުގެ ފަހަތުގައިވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެއެވެ. ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން ހަނިމާދޫގައި މިވަގުތު ވެސް 30 އަށް ވުރެގިނަ އިންޑިއާ ސިފައިން ތިބިއިރު، ބައެއް ސިފައިން ދިރިއުޅެނީ ވެސް އެމީހުންގެ ޢާއިލާ ވެސް ހަނިމާދޫއަށް ގެންގޮސްގެން ކަމަށްވެއެވެ. ނަމަވެސް އިންޑިއާގެ އެއްވެސް ބޭނުމަކަށް ހަނިމާދޫން ބިމެއް ނަގަން އުޅޭކަމަށް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށަން އެކި ތާރީޚްތައް ކުރިން ދީފައިވީ ނަމަވެސް މިދަޔަ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ބައެއް ނޫސްތަކަށް މައުލޫމާތު ދިންކަމަށް އެ ނޫސްތަކުން ޚަބަރު ފަތުރާފައި ވަނީ މި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތް އިންޑިއާގެ އެގްޒިމް ބޭންކުން ކުރަމުން ދާކަމަށާއި، އެ މަސައްކަތް މި ހިނގާ މެއި މަހުގެ ފަހު ކޮޅު ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އެއަށްފަހު ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ޓެންޑަރު މަރުހަލާ ފަށާނެ ކަމަށާއި، މި މަޝްރޫއުގެ ކޮންޓްރެކްޓް އަންނަ ޖުލައި މަހު ހަވާލުކުރެވޭނެކަމަށް ބެލެވޭކަމަށް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. މި މަޝްރޫއުގެ މަސައްކަތަށް 2 އަހަރު ނަގާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއަހަރުގެ ފެބްރުއަރީމަހު މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމުގައިވާ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓްގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފަވާއިރު، ޑީޕީއާރް ފަންޑު ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރުގެ ކުރަންޖެހޭ ތަހުލީލުތައްކޮށް ބަލައިގަނެފަކަމަށް ވެސް ވަނީ ބުނެފައެވެ.

އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ވަޞީލަތްތަކާއެކު ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުންވާ ވިސްނުންފުޅުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ

މަސްދަރު: ތިލަދުން

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގާ ރައީސް ޔާމީން

އޮސްޓްރިއާގެ ރިސަރޗް ފާރމްއެއްކަމަށްވާ “ސްޓެޓިސްޓިކާ އިންކް” އިން އެކުލަވާލި “ބެސްޓް ޕްރެޒިޑެންޓް” ލިސްޓުގެ ނުވަ ވަނައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ...

އައްޑޫ ސިޓީގެ ތަރައްޤީއަށް 200 މިލިއަން ޑޮލަރުގެ އެހީ އިންޑިއާއިން ދެނީ

އިންޑިއާ އިން ދިވެހިރާއްޖެއަށް ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ ...

ބީއެމްއެލްގެ ސްޓާފް ޗެރިޓީ ރަން ބާއްވައިފި

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ސްޓާފް ...